އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު، އާ ލީޑަރު އިންތިހާބުކުރުމުގެ ޖަލްސާ އޮންނަ އިމާރާތަށް ވެސް މިއަދު ހަމަލާ ދީފިއެވެ.
ހޮނިހިރު ދުވަހު ފެށި ހަމަލާތަކުގައި ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލާފައިވާއިރު މިހާރު ވަނީ ވަގުތީ ކޮމިޓީއެއް އެކުލަވާލައި، އާ ލީޑަރެއް އިންތިހާބުކުރުމުގެ މަސައްކަތް ފަށައިފައެވެ.
”ތެހްރާންގެ ދެކުނުގައި އޮންނަ ގުމްގައި އެމެރިކާ އާއި ޒަޔަނިސްޓް މުޖުރިމުން ވަނީ މާހިރުންގެ މަޖިލިސް (މަޖްލިސީ ޚުބްރިކާނި ރަހްބަރީ) އަށް ހަމަލާ ދީފައި“ އީރާންގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވެއެވެ.
މިއީ ރޫހީ ލީޑަރު އައްޔަންކުރުމާއި ސުޕަވައިޒްކުރުން އަދި މަގާމުން ވަކިކުރުމުގެ ބާރު ވެސް އޮންނަ މަޖިލީހެވެ.
އީރާންގެ މީޑިއާއިން ވަނީ އެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ މަންޒަރުތައް ހާމަކޮށްފަ އެވެ. އެކަމަކު އެ ހަމަލާގައި މީހަކަށް ކަމެއް ވީ ކަމުގެ ރިޕޯޓެއް އަދި ނެތެވެ.
މެހްރް ނިއުސް އެޖެންސީން ބުނީ މިއަދު ހަމަލާދީފައިވަނީ އެ އިމާރާތުގައި މިހާރު ބައްދަލުވުންތައް ނުބާއްވާ ބަޔަކަށް ކަމަށެވެ. އެކަމަކު ތަސްނީމް ނިއުސް އެޖެންސީން ބުނީ އެ އިމާރާތުގެ މައި މަރުކަޒަށް އިއްޔެ ވެސް ހަމަލާ ދީފައިވާ ކަމަށެވެ.



