ބަހްރެއިންގެ ތެޔޮ ސާފުކުރާ ކާރުހާނާއަށް އީރާނުން ދިން ހަމަލާއަކާ ގުޅިގެން، އެ ގައުމުގެ ސަރުކާރުގެ ތެޔޮ ކުންފުނިން ތެޔޮ ފޯރުކޮށްދޭން އެކި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތަަކަށް މިވަގުތު އަމަލުނުކުރެވޭނެ ކަމަށް، އެ ގައުމުން މިއަދު ނިންމައިފިއެވެ.
ބަހްރެއިންގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވަނީ، ”ފޯސް މެޖޫއާއަކީ“ ކުންފުނީގެ ބާރުގެ ދަށުގައި ނުވާ ކަންތައްތަކެއް ދިމާވުމުގެ ސަބަބުން، ކޮންޓްރެކްޓްތަކުގައިވާ އިންތިޒާމްތައް ފުރިހަމަކުރުމުން ބަރީއަވުމަށް ބޭނުންކުރާ ގާނޫނީ ހަމައެއް ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ތެޔޮ ސާފުކުރާ ކާރުހާނާއަށް ދާދި ފަހުން ދިން ހަމަލާގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ނަމަވެސް، ބަހްރެއިންގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ ތެޔޮ މެދުކަނޑުމެއް ނެތި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުން ދަތިވެ، ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގު އުފުލިފައިވުމާ ގުޅިގެން މިފަދަ ފިޔަވަޅެއް ކުވެއިތާއި ގަތަރުން ވެސް ވަނީ އަޅާފައެވެ.
އިރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
އެގޮތުން ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް %25 މައްޗަށް ގޮސް، ފީފާއެއްގެ އަގު 119.50 ޑޮލަރަށް ވަނީ އަރާފައެވެ.




