ގޮވާތަކެތި ބަރުކޮށްފައިވާ އީރާނުގެ ބޯޓުތަކަކުން އިރާގުގެ ކަނޑުގެ ސަރަހައްދުގައި އޮތް ތެޔޮ އުފުލާ ދެ ޓޭންކަރަކަށް އިއްޔެ ހަމަލާދީ، އޭގައި އަލިފާން ރޯކޮށްލައި ފަޅުވެރިއަކު މަރާލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިރާގުގެ ސްޓޭޓް އޯގަނައިޒޭޝަން ފޯ މާކެޓިން އޮފް އޮއިލް އިން ބުނި ގޮތުގައި، އިރާގުން ތެޔޮ ބަރުކޮށްގެން ދަތުރުކުރި މާޝަލް އައިލެންޑްސްގެ ދިދަ ޖަހާފައިވާ ”ސޭފްސީ ވިޝްނޫ“ އާއި މޯލްޓާގެ ދިދަ ޖަހާފައިވާ ”ޒެފީރޯސް“ އަށް ހަމަލާދީފައިވަނީ އިރާގުގެ ކަނޑުގެ ސަރަހައްދުގައި އޮންނަ، އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރާ ސަރަހައްދެއްގައެވެ.
މި އުޅަނދުތަކުގައި އަލިފާން ރޯވެފައިވަނިކޮށް، ރެސްކިއު ޓީމުތަކުން ވަނީ 25 ފަޅުވެރިއަކު ސަލާމަތްކޮށްފަ އެވެ.
”ކަނޑުމަތިން ބޭރު ގައުމެއްގެ ފަޅުވެރިއެއްގެ ހަށިގަނޑު ވަނީ ފެނިފައި،“ ބަނދަރުގެ ސަލާމަތީ އޮފިޝަލަކު ވިދާޅުވި އެވެ.
މި ހަމަލާތަކާ ގުޅިގެން އިރާގުން ވަނީ އެ ގައުމުގެ ތެޔޮ ބަނދަރުތަކުގެ މަސައްކަތްތައް މެދުކަނޑާލާފަ އެވެ. ނަމަވެސް ވިޔަފާރި ބަނދަރުތައް އަދިވެސް ހުޅުވިފައި ހުރި ކަމަށްވެ އެވެ.
މި ހާދިސާއަކީ އީރާނާއި އެމެރިކާ-އިޒްރޭލުގެ ފައުޖުތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކަނޑުމަތީގައި ދެވޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ކަމެކެވެ. މިދިޔަ މަހުގެ 28ގައި ހަމަނުޖެހުންތައް ފެށުނު ފަހުން މިހާތަނަށް އެ ސަރަހައްދުގައި މަދުވެގެން 16 އުޅަނދަކަށް ވަނީ ހަމަލާދީފައެވެ.


