ޕާކިސްތާނާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ އެއް ދީނަކަށް ތަބާވުމާއި، ދެ ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ދެ ލީޑަރުންނަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.
ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވީ، އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއަށާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ.
އެގޮތުން ޕާކިސްތާނުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ކުރިއެރުމަށާއި ސަރަޙައްދީ ތަރައްޤީއަށް ދެ ޤައުމުން ގެންގުޅޭ އެއްގޮތް އުންމީދުތަކާއެކު، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބައިނަލްއަޤުވާމީ މައިދާނުގައާއި ދެ ޤައުމުގެ ދެމެދުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ޕާކިސްތާނާއެކު އޮންނަ އަޚުވަންތަ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭކަން ރައީސް ފާހަގަކުރެއްވިއެވެ. 1966 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން، ބަދަހި އަދި ބިނާކުރަނިވި ގުޅުމެއް ދަމަހައްޓަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ ރޫހުގެ ސަބަބުންނާއި، ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން މި ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ އެއް ދީނަކަށް ތަބާވުމާއި، ދެ ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޓީފުޅު ނިންމަވާލައްވަމުން، ޕާކިސްތާނުގެ ދެ ލީޑަރުންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި ތަނަވަސްކަމަށް ރައީސް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.




