އޮޅުއަލައަށް އެލާޖިކް ވެގެން ގއ. ދާންދޫގައި އަންހެނަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ އައިޝަތު އިބްރާހިމް އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ އޮޅުއަލައަށް އެލާޖިކް ވެގެން ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ.
ދާންދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި، އެލާޖިކް ވެގެން މީހަކު އެ މަރުކަޒަށް ގެންދިޔައީ ރޭ 09:00 ހާއިރެވެ.
އޭނާ ނިޔާވީ ކާއެއްޗަކަށް އެލާޖިކް ވެގެންކަން ދާންދޫ ސިއްހީ މަރުކަޒުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެލާޖިކްވީ ކޮން އެއްޗަކަށްކަން އެ މަރުކަޒުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.




