އާ ގައުމުތަކާއެކު ވިޔަފާރީގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓުތަކުން ވެސް ކުރިއަށްވުރެ ގިނައިން މުދާ އެތެރެކުރަމުން އަންނަ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރާ ބައެއް މާކެޓުތަކަށް އަސަރުކޮށްފައިވާތީ އޭގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އިންޑޮނޭޝިއާ، މެލޭޝިއާ ފަދަ ތަންތަނުން ކުރިން ނުގެންނަ ވަރަށް ބައެއް ކަހަލަ މެޓީރިއަލް އެބަ ގެނޭ މިހާރު ހަނގުރާމަ ފެށުނީމާ ޕްރައިވެޓު ސެކްޓަރުގެ ބައެއް ފަރާތްތަކުން ވެސް،“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
ޗައިނާއާ އެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ވެސް މުދާ ހޯދުމުގައި ފަސޭހަތައް ހުންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.



