އަވައްޓެރި ޝްރީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭއިރު، އެ ގައުމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން، އައްޑުއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު އަންނަނީ ހިންގަމުންނެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެހެން ގައުމުތަކުގައި ވެސް ބީއެމްއެލްގެ ބްރާންޗް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ލައިސެންސް ހޯދަން އެ ގައުމުގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިހާރު އަޅުގަނޑުމެން މި ވަނީ ސްރީ ލަންކާގައި ބްރާންޗެއް ހުޅުވުމަށްޓަކައި ލައިސެންސަށް އެދި ސެންޓްރަލް ބޭންކަށް ހުށަހަޅާފައި. ރާއްޖެއިން ބޭރުގައި ބޭންކެއްގެ ބްރާންޗެއް ހުޅުވޭއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެސް އެބަހުރޭ.“ ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ލަންކާގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާއިރު ބޭންކުގެ ކެޕިޓަލް ވެސް ރަނގަޅުވާން ޖެހޭ ކަމަށެވެ.




