ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވައި، ހަމަޖެހުން ގާއިމުކުރުމަށް ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލެއްވީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61ވަނަ ބައްދަލުވުމުގައި އިއްވެވި ބަޔާނުގައެވެ. އެގޮތުން ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވެވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައި ޑރ. ސަލްމާ ވަނީ ހުރިހާ އިންސާނީ ޙައްޤަކީ އެއް ޙައްގު އަނެއް ޙައްގާ ގުޅިލާމެހިފައިވާ، ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ޙައްގެއް ކަމަށް ވިއެނާ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާއިރު އެކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރާ ކަމަށް ވިދާޅުވެފައެވެ.
ޔަހޫދީން ހަމަޖެހުން ނަގާލުމަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ޑރ. ސަލްމާ ވަނީ ގޮވާލައްވާފައެވެ. އަދި ގުޅިގެން ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް މަސައްކަތް ކުރުމަށްވެސް ޑރ. ސަލްމާ ގޮވާލެއްވިއެވެ.




