މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ވަނީ އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާ، އިނާމު ދޭނެ އުސޫލު އާންމުކޮށްފައެވެ.
މި އަހަރުގެ އިނާމަށް ނަން ހުށަހެޅޭނީ ރައީސް އޮފީހުގެ ފޯމު ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ނަން ހުށަހަޅާއިރު ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމަށް ސަމާލުވުމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން އިލްތިމާސްކުރެ އެވެ.
މި އަހަރު ވެސް 39 ދާއިރާއަކުން އިނާމަށް ނަން ހުށަހެޅޭނެ އެވެ. އިނާމަށް އަމިއްލަ ގޮތުން ވެސް އަދި އެހެން މީހެއްގެ ނަން ހުށަހަޅަން ބޭނުންވާ ނަމަ ވެސް ނަން ހުށަހެޅޭނެއެވެ.
މީގެ އިތުރުން ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުންނާއި ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ވެސް ހުށަހެޅޭނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭނެއެވެ.



