ހުސްވެފައިވާ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށާއި ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލައިފިއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އެ ކޯޓުގެ 11 ފަނޑިޔާރުންނަށެވެ. އަދި ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލީ އެ ކޯޓުގެ ގާޒީންނަށެވެ. މި ދެ މަގާމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކުގެ ޤާނޫނުގައެވެ. އެ ޤާނޫނުގައި ބުނެފައިވާ ގޮތުން، ހައިކޯޓުގެ އިސްފަނޑިޔާރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހައިކޯޓުގެ އިދާރީ އެންމެހައި ކަންކަން ހިންގުމާއި ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުން މަސައްކަތްކުރުމާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ފަނޑިޔާރުންގެ ބެންޗުތައް އެކުލަވާލުމާއި، އެ މައްސަލަތައް ފަނޑިޔާރުންނާ ހަވާލުކުރުން ހިމެނެއެވެ.
އަދި މީގެ އިތުރުން، އިސްފަނޑިޔާރަކީ ހައިކޯޓުގެ ފަރާތުން އެހެން މުއައްސަސާތަކާ މުއާމަލާތްކުރައްވާ އެންމެ އިސް ފަރާތެވެ. އަދި ހައިކޯޓުން ނެރޭ އަމުރުތަކާއި، ކުރާ ޙުކުމްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަން ބެލެހެއްޓުމަކީވެސް އިސްފަނޑިޔާރުގެ ޒިންމާއެކެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޯޓުގެ އެތެރޭގެ ހިންގާ ގަވާއިދުތައް ތަންފީޒުކުރުމަކީވެސް ޤާނޫނީ ގޮތުން އިސްފަނޑިޔާރަށް މަތިކޮށްފައިވާ މުހިންމު މަސްއޫލިއްޔަތުތަކެކެވެ.
ހައި ކޯޓުގައި މި ވަގުތު 11 ފަނޑިޔާރުން އެބަ ތިއްބެވި އެވެ. ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ އެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.



