އުމުރުން 6 އަހަރުގެ ކުއްޖަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްއެއް ލިބުން ލަސްވެ، އެ ކުއްޖާ މަރުވި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ސްޕެސްޓިކް ކްވޮޑްރުޕްލީޖިކް ސެރަބަލް ޕަލްސީއަށް ފަރުވާ ހޯދަމުން ދިޔަ އަޒާން ސުހައިލް އިއްޔެ މަރުވީ ކާން ދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބު ބަދަލު ކުރަން ޖެހި، އެ ޓިއުބް ނުލިބި ލަސްވެގެންނެވެ.
އަޒާން މަރުވީ އިދާރާތަކުގެ އިހުމާލުންް ދިމާވި ކަމެއް ކަމަށް ބުނެ، އާންމުން އަންނަނީ ފާޑުކިޔަމުންނެވެ.
އަޒާންގެ މަންމަ މީގެ ކުރިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، ޕީއީޖީ ޓިއުބު ހޯދުމަށް އޯޑަރު ދިނީ މިދިޔަ އޮގަސްޓު މަހު އެވެ.
ނަމަވެސް 8 މަސްވީއިރު ވެސް އެއްވެސް ހަބަރެއް ނުވާ ކަމަށް އަޒާންގެ މަންމަ ލިޔެފައިވެއެވެ.
އަޒާންއަށް ކާން ދިނުމަށް ބޭނުންވާ ޓިއުބް، ހެޔޮއެދޭ ފަރާތަކުން ޕްރައިވެޓް ޕާޓީއެއް މެދުވެރިކޮށް ގެނެސްދިން ނަމަވެސް އޭރު އެ ކުއްޖާގެ ހާލު އޮތީ ޓިއުބް ބަދަލުކުރެވޭ ވަރަށް ވުރެ ދަށްވެފައެވެ.
ކުއްލިއަކަށް ޓިއުބް ބަދަލު ކުރަންޖެހި، ސްޕެއާ ޓިއުބެއް ނެތި އެތައް ދުވަހެއްވުމުގެ ސަބަބުން ކުއްޖާގެ ހާލު ދަށްވަމުންގޮސް މަރުވީ އިއްޔެއެވެ.
އެ ހާދިސާއާ ގުޅިގެން މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ އިދާރާތަކުން އުފުލަން ޖެހޭނެ ކަމަށް ބުނެ އާންމުން އަންނަނީ ފާޑުކިޔަމުންނެވެ. އެ ފާޑުކިޔުންތަކުގެ އަޑު ގަދަވެފައިވަނިކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ ހާދިސާ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.




