ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލި ދެވަނަ ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެންމެފަހުން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް މިދިޔަ މަހު ރިޓަޔަކުރެއްވުމުންނެވެ. އެހެންވެ، މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދެވެ.
އެ މަގާމަށް ކުރިމަތިލާން މި މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި ނަމަވެސް، އެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލަ އެވެ. އެހެންވެ، ހޯމް މިނިސްޓްރީން ވަނީ މިއަދާ ހަމައަށް އިއުލާންގެ މުއްދަތު އިތުރުކޮށްފައެވެ.



