ދައުލަތުގެ އިދާރާތަކުގެ އިހުމާލުން ކުޑަކުއްޖަކު މަރުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގުކުރަން ފަށައިފިއެވެ.
މި މައްސަލައަކީ މ. ޗީޒް އިބްރާހިމް އަޛާން ސުހައިލް ނަމަކަށް ކިޔާ ކުއްޖަކު ކެއިންބުއިމަށް ބޭނުންވާ ފީޑިންގ ޓިއުބެއް، ބޭނުންވި މުއްދަތަށް ނުލިބި ލަސްވި މައްސަލައެކެވެ. އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ 16 މާރިޗް 2026 ގައި މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު، 17 މާރިޗު 2026 ގައި އެ ކޮމިޝަނުން އިސްނަގައިގެން ތަހުގީގެއް ފަށާފައިވާނެ ކަމަށެވެ.
މި ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލަމުންދަނީ ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއްނެތި އެހީތެރިކަން ލިބޭނޭގޮތް ގާއިމްވެފައި އޮތްތޯއެވެ. އަދި ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި، 23 ވަނަ މާއްދާގެ (ނ) އިން ކަށަވަރުކޮށްދޭ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގުގެ އިތުރުން، 35 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކުޑަކުދިންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ދައުލަތުން ކަށަވަރުކޮށްދީފައިވޭތޯ އެ ކޮމިޝަނުން ބަލާނެއެވެ.




