ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރައްވާކަން، މިދިޔަ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ހާމަކުރައްވައިފިއެވެ.
”އެކްސް“ ގައި އަކްރަމް ކުރެއްވި ޕޯސްޓެއްގައި ވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލައްވާ ބޭފުޅަކު ރައްޔިތުންގެ މަޖިލިސް ހޯދުމަށް ސަމާލުކަންދޭ މިންވަރު ކުޑަވާނެ ކަމަށެވެ. އޭގެ ނަތީޖާއަކީ ނުފޫޒުން އެއްކިބާވެ، ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވުން ކަމަށް އަކުރަމް ވިދާޅުވިއެވެ.
އޭގެ އިތުރުން، މަޖިލީހަށް މެންބަރުން ހޮވުމަށް ވޯޓު ދޭއިރު، ވެރިކަމަށް އަންނަނީ ވޯޓުދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން ރައްޔިތުންނަށް ނޭނގޭނެ ކަމަށާއި، ވުމާއެކު، މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތުން ހިތް އެދޭ ފަރާތެއް އިންތިޚާބުކުރަން ފަސޭހަވާނެ ކަމަށް، އަކްރަމް ވިދާޅުވިއެވެ.
”ތިންވަނަ ކަމަކީ، އިންތިޚާބުގެ ޕްރެޝަރަށް ސަރުކާރުގެ މެއިން ފޯކަސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުން. އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތްކުރާނެ މާހައުލެއް ގާއިމުވެގެންދާނެ،“ އަކްރަމް ލިޔުއްވާފައިވެއެވެ.
އަކްރަމް އިތުރަށް ވިދާޅުވި ގޮތުގައި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން، ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެއެވެ. އަދި އިންތިޚާބުތައް ބޭއްވުމަށާއި، އިންތިޚާބުތައް ކާމިޔާބުކުރުމަށް ސަރުކާރުތަކުންނާއި ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވާނެއެވެ.



