ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ އެއް ފައިދާއަކީ ރައްޔިތުންގެ މަޖިލިހުގައި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުވަތަ ”އީކުއަލް ރިޕްރެޒެންޓޭޝަން“ ގާއިމްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓީވީން ބޭއްވި ”އެސްޕްރެސޯ ވިތު ރައީސް“ ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައެވެ. އެ ޕްރޮގްރާމުގައި އެމަނިކުފާނު އެންމެ ބޮޑަށް ވާހަކަފުޅު ދެއްކެވި އެއް މައުލޫއުއަކީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުންނެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އަންނަ ހޮނިހިރު ދުވަހު ނެގުމުގެ އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ވަމުން އަންނައިރު ރައީސް މުއިއްޒު ރޭ ވަނީ އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާތައް ވިދާޅުވެދެއްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ސަރުކާރެއް އިންތިހާބު ކުރަނީ ފުރަތަމަ ދުވަހުން ފެށިގެން ފަސް އަހަރުގެ ދައުރު ނިމެންދެން ހިދުމަތް ކުރުމަށް ކަމަށް ވިޔަސް އެކަމަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އަބަދުވެސް ހުރަސްއަޅާ ކަމަށެވެ. އެއީ މިދިޔަ ހުރިހާ ސަރުކާރެއްގައި ވެސް ފެނިފައިވާ ހަގީގަތެއް ކަމަަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމާ ދެމެދު ހަ މަސްދުވަހުގެ ދިގު މުއްދަތެއް ހޭދަކުރަން ޖެހުމަކީ މިހާތަނަށް ވެފައި ހުރި ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ގެއްލޭ ވަގުތުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ހަ މަސް ދުވަހުގެ މުއްދަތުގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަންކަން ކުރާ ގޮތުން، އަލަށް އިންތިހާބުވާ ސަރުކާރަށް ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ނަމަ ސަރުކާރުގެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް މަސައްކަތްތައް ފަށައިގަތުމަށް ފަހިވާ ކަމަށް ރައީސް ވިދާޅުވިއެވެ.




