އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހު ބާއްވަން ތާވަލުކޮށްފިއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށެވެ.
ލަމްހާއާއި މާވިންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، އެ ދެމީހުން ދުރާލައި ރާވައިގެން، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން 19 އޮކްޓޫބަރު 2021 ވަނަ ދުވަހު މަރާލާފައިވާ ކަމަށެވެ.
އެގޮތުން ލަމްހާގެ މައްޗަށް ކޮށްފައިވަނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މާވިންގެ މައްޗަށް ކުރަނީ، އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ.
މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވައި، އަޑުއެހުންތައް މިދިޔަ ހަފްތާގައި ވަނީ ނިންމާލާފައެވެ. އަދި މި މައްސަލައިގެ ހުކްމް އިއްވުން އަންނަ މަހުގެ 12އަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ޖަލު ބަންދުގައި މިވަގުތު ތިބި ދެ މީހުން ވެސް ދައުވާތަކަށް އިންކާރުކުރެ އެވެ. މާވިން މިފަހުން ވަނީ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން ޔޫސުފަށް ބަދަލުކޮށްފަ އެވެ.
ދައުލަތުގެ ދައުވާތަކުން ބުނެފައިވާ ގޮތުުގައި 19 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ މެންދުރު 12 އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމުގައި ލަމްހާ އެހީތެރިވެދީފައިވެއެވެ. އަދި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައި ވެސް ވެއެވެ.




