ވަކި ހާލަތްތަކެއްގެ ދަށުން، އާސަންދަ މެދުވެރިކޮށް އެމްބިއުލޭންސްގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލު ގެންނަން ނިންމާފައިވަނީ އަންނަ މަހުގެ 1 ވާ އަންނަ ބުދަ ދުވަހު ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އާސަންދައިގެ ދަށުން އެ ހިދުމަތް ލިބޭނެ ހާލަތްތައް ވެސް ސާފުކޮށްދެއްވާފައެވެ.
އެއީ:
° އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދާ ނަމަ
° މައްޔިތުން އުފުލާއިރު
° އެނދުމަތިކުރެވިފައިވާ ބަލިމީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު
° ގޮނޑީގައި ތިބޭ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު
° ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު
° އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ނުވަތަ ޓެސްޓުތައް ހަދަން ބަލިމީހާ އުފުލާއިރު
° ރާއްޖެއިން ބޭރަށް ބަލިމީހާ ފުރުވާއިރު ނުވަތަ އެހެން ރަށަކަށް އިތުރު ފަރުވާއަށް ފުރުވާއިރު އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިޔުމަށް
° ތެލެސީމިއާ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު
ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހަމަޖެއްސުމަކީ ގިނަ ރައްޔިތުންގެ އެދުމެއް ކަމަށާއި މި ބަދަލު ގެނައީ ގިިނަ ދުވަސްތަކެއް ވަންދެން ޓެކްނިކަލް މަޝްވަރާތައް ކުރުމަށްފަހު ކަމަށެވެ.




