މާލެ ސަރައްދުން ނުވަތަ ހައުސިން ސްކީމަކުން ގޯތި ލިބިފައިވާ ފަރާތްތަކުން، ގޯތި ދޫކޮށްލުމަށްފަހު މިހާރު އަޅަމުންދާ ފްލެޓުތަކަށް ކުރިމަތި ލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ގޯއްޗާއި ފްލެޓު ލިބޭގޮތަށް މިހާރު ހުޅުވާލާފައިމިވާ ސްކީމަށް ހުށަހެޅުމަށް އިތުރު ފުރުސަތުތަކެއް ރައްޔިތުންނަށް ހޯދައިދޭން ފަށާފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައީސް އަރިހު ދަންނަވާފައި ހުރި ބައެއް ކަންކަމަށް ރިއާޔަތްކޮށްފައި ވެސް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މި ބަދަލުތައް ގެނައުނުއުމުގެ އެންމެ ބޮޑު ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ގެދޮރުވެރިކަމުގެ ހާލަތަށް އަޅާބަލާއިރު، ވީހާވެސް ގިނަ ރައްޔިތުންނަށް ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅޭނެ ގޮތް މެދުވެރިވުން ވަރަށް މުހިންމު ކަމަށެވެ.



