ފަތުރުވެރިކަމުގެ ސިނާޢަތުގެ ނުވަތަ ޓޫރިޒަމް ވިޔަފާރިތަކަށް ހިންގުމުގައި މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ސިނާޢަތަށް އެހީވުމަށް ދެމިއޮންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑު ތަނުން މަދުވެފައެވެ. މިއާއެކު ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ވިޔަފާރިތަކަށް ހިނގުމުގައި ބައެއް ގޮންޖެހުންތައް ހުރިކަން އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތައް ތަމްސީލް ކުރާ މަޓީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ފަރާތްތަކުން މިކަންބޮޑުވުން ސަރުކާރާއި ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން މި ސަރުކާރުން ހަނގުރާމައާއި ގުޅިގެން އެކުލަވާލާފައިވާ މިނިސްޓަރުންގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާޙީމް ވަނީ މިކަން ހައްލުކުރުމަށް ސަރުކާރުން މާލީ އިދާރާތަކާއި މަޝްވަރާ ކުރަމުންދާކަން ހާމަކޮށްފައެވެ.
އެގޮތުން ބީއެމްއެލްއާއެކު ބޭއްވި މަޝްވަރާތަކުގައި އެފަރާތްތަކުން މިހާރު ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އެ ވިޔަފާރިތަކަށް އެހީވުމަށް މަޝްވަރާ ކުރަމުންދާކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
މިކަމާއި ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް، މި ސިނާއަތުގެ މުހިންމު ހިއްސާދާރުންނާއި ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާއެކު ސާބިތުވެ ތިބުމަށް ކަމަށެވެ. އަދި ސިނާއަތުގެ ހިއްސާދާރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ، އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ، މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކުން ބުނީ، ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމެއްކަމަށާއި، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.



