ރައީސްކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު އޮންނަ ގޮތުން ރައީސްކަމަށް ކުރިމަތިލެވެނީ އުމުރުން 35 އަހަރުން މަތީގެ މީހުންނަށެވެ. އެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ދޮށީ އުމުރެއް ބަޔާންކޮށްފައެއް ނުވެއެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށްގެން، ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކޮށްފާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
އޭގެ މަގްސަދަކީ، އެމީހުން ބުނާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަށް ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުވައިލުމެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ބަދަލުތަކުގެ ތެރޭގައި ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުން ނުހިމެނޭ ކަމަށެވެ.
”އަޅުގަނޑުގެ ވިސްނުމުގައި އެއްވެސް ވަރަކަށް އޮތް ކަމެއް ނޫން އެއީ. އަޅުގަނޑުގެ ވިސްނާފައި ހުރި ނޫނީ ގެންނަން ބޭނުންވާ ބަދަލުތައް މިހާރު އެ ހުރީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ހިއްސާކޮށްފައި ރައްޔިތުންނާ“ ރައީސް ވިދާޅުވިއެވެ.



