ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރި ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކޯޓުން ދޫކޮށްލާފައި ތިއްބައި، ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ އެ ދެ މީހުން ރޭގައި އަލުން ހައްޔަރުކޮށްފިއެވެ.
ޑިސެމްބަރު 2024 ގައި މި މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ފުވައްމުލަކުގައި ކުރިއަށްގެން ދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ޒަމާނީގެ / ހަސަން އާޒިމް (30އ.) އާއި ޏ. ފުވައްމުލައް، ކަރަންކާވިލާ / އަހުމަދު ނިއުޝާދު (35އ.) އެވެ.
މި މައްސަލާގައި މި ދެ މީހުން ހައްޔަރުކުރުމަށް ފަހު ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، އެ މީހުން ދޫކޮށްލަން ހައި ކޯޓުން ޖެނުއަރީ 2025 ގައި ވަނީ އަމުރުކޮށްފައެވެ.
”އެ ދެ މީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، މި ދެ މީހުން ވަނީ 30 މާރިޗު 2026 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ“ ފުލުހުން މީޑިއާތަކަށް ރޭގައި ފޮނުވި މެސެޖެއްގައިވެއެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ދެ ދައުވާއެއްކޮށްފައިވެ އެވެ.
އެއީ:
° ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
° މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ
މީގެ އިތުރުން، ޕީޖީ އޮފީހުން ވަނީ މި މުއާމަލާތުން އެ މީހުން ހޯދާފައިވާ ފައިސާގެ ތެރެއިން 1.1 މިލިއަން ރުފިޔާ އާއި އެ ވިޔަފާރީގެ ފައިސާއިން ހޯދާފައިވާ ބައެއް ތަކެތި ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.




