މިއަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން 1 ޖެނުއަރީން 19 މާރިޗްގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖުމްލަ 425.1 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
މިއީ 2025ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި އަދަދާއި އަޅާބަލާއިރު %8.6 އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކޮށްފައިވަނީ 391.6 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް ދަރަނިތައް އަނބުރާ ދެއްކުމަށް 809.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.



