ކުރިއަރ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ނިބޫ، ޝަމްއޫނު ނަސީރު (34އ.) އާއި ގ. މާވާގެ، އަބްދުﷲ ޔާމީން (32އ.) އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލާގައި މި މަހުގެ 29 ގައި އެ މީހުން ހައްޔަރުކޮށްފައިވާއިރު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަމްއޫންގެ ބަންދަށް ފަސް ދުވަސް އަދި ޔާމީންގެ ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.
ޝަމްއޫންގެ ކޯޓު އަމުރުގައި ބުނީ އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނުމުން ކަމަށެވެ.
ކޯޓުން ބުނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ކަމަށާއި ޕެކޭޖާ އޭނާ ހަވާލުވި ކަމަށާއި ޕެކޭޖް ފުރަތަމަ ބަލައިދިޔަ މީހާ ދިޔައީ އޭނާ ބުނެގެން ކަމަށް އައިއޯ ފާހަގަކުރި ކަމަށެވެ.
މި މީހުން އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،890 ގްރާމް ކޮކެއިން ހުރިކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
އެ މައްސަލާގައި ޔާމީންގެ ކޯޓު އަމުރުގައި ބުނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދަނިކޮށް ޕެކޭޖް ނެގުމަށް އޭނާ ދިޔަ ކަމަށެވެ. އަދި އިތުރު މީހަކާ އެ ޕެކޭޖް އޭނާ ހަވާލުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
އޭނާ އެ ޕެކޭޖު ބަލައި ދިޔައީ ރައްޓެއްސަކު ބުނެގެން ކަމާއި އެއީ އެ މައްސަލައިގައި ދެން ހައްޔަރުކުރި ޝަމްއޫން ކަމަށް ވެސް އަމުރުގައިވެ އެވެ. އެކަން އެހެން ހިނގިކަން، ސީންގައި ވެސް ކިޔައިދީފައިވާނެކަމަށް ވަކީލު ފާހަގަކުރި ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ޔާމީނާއި ޝަމްއޫނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް އޮތް ބައެއް ނޫން ކަމަށް ބުނެފައިވެއެވެ.



