މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ 3،260 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާ ހަވާލުވެފައެވެ. އޭގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1،190 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ރޭގައި ވަނީ ފަށާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ، މި މަހުގެ 16 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވި ގެއެއްގައި ދިރިއުޅޭ މީހުން ކައްކަން ކުޑަ ބަދިގެއަކާއި ނިދަން ބަންކު ބެޑެއް ބަހައްޓާފައި ހުރި ކަމަށެވެ. މިއީ، ޖީޑީޕީގެ ނިސްބަތުން 17،000 އަށްވުރެ ބޮޑު އަދަދެއް ޖެހޭ ގައުމެއްގައި ބައެއްގެ ދިރިއުޅުން އޮންނަންޖެހޭ ގޮތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިންގް މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަމަކީ ހަމައެކަނި ފުދުންތެރި އާއިލާތަކަށް އޮންނަ ހައްގެއް ނޫން ކަމަށާއި ދިވެހި ކޮންމެ އާއިލާއަކަށް ލިބިފައިވާ ރައްކާތެރިކަމެއް ކަމަަށް ހެދުމަށް، މި ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ވަރަށް ގިނަ ފަހަރަށް އެފަދަ މީހުންނަކީ ބާކީވެފައިވާ، ހަވާސާކޮށްފައިވާ މީހުން ކަމަށެވެ. އޭގެ ސަބަބުން، ދިރިއުޅުމުގެ ދަތިތަކާ އެއްކޮށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކަށް އެދި ފޯމުލުން ވެސް އޮންނަނީ ނުވާ ވަރު ކަމަކަށް ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، އެންމެ ނިކަމެތި މީހުންނަކީ އެންމެ ނުފެންނަ މީހުންނަށްވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ގަބޫލުކުރަން ބޭނުންނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތަކީ އެންމެ ފަގީރު، އެންމެ ނިކަމެތި ފަރާތްތައް ހޯދައި، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.
ނިކަމެތި، ދަތި ހާލުގައި ދިރިއުޅޭ މީހުންނަށް އިސްކަންދެވޭ ގޮތަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެންމެ ބޭނުންވާ އާއިލާތަކަކީ، މީގެ ކުރިން ވެސް ސްކީމްތަކުން ފްލެޓު ނުލިބޭ މީހުންކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ. އަދި އެ މީހުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދޭ އުސޫލު ރަނގަޅަށް ނޭނގޭ ކަމަށާއި އެއަށް ފޯމު ހުށަހަޅަން ލިޔެކިޔުންތައް ވެސް ހަމަނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެހެންވެ ޕްރައޯރިޓީ ސޯޝަލް ހައުސިން ރެޖިސްޓާއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވިގެން، އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ފެށިފައި. އޯގާތެރި ސަރުކާރަކުން ނިކަމެތިން އެހީއަށް އެދި އާދޭސްކުރުން ހުއްޓުވަން ކެނޑިނޭޅި މަސައްކަތް ކުރާނެ،“ މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވީ އޯގާތެރި ސަރުކާރަކުން އެ މީހުންނަށް އެހީތެރިކަން ހޯދައިދޭނެ ކަމަށެވެ. ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތަކީ އޯގާތެރި ސިޔާސަތެއް ކަމަށާއި އޭގެ ދަށުން، އެ މީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ބޯހިޔާވަހިކަން ހޯދުމުގެ މަގު ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




