ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު ސަރުކާރުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
މިނިސްޓަރު އެ ފަހުމްނާމާގައި ސޮއިކުރެއްވީ، ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަދީނާގައި ރޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.
މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށްކަމަށް އެނގިފައިވެއެވެ.
އެ މިސްކިތުގައި ޤުރްއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނޭނެކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވެފައިވެއެވެ.
މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތެވެ.
މިނިސްޓަރ ވިދާޅުވީ، މި މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުންކަމަށާއި، މި މަޝްރޫޢުގެ ޑިޒައިނިންއާއި ހުރިހައި މަރުޙަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫޢަށް ފަންޑުކުރާ ފާރާތުންކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައިކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުން އަންނަކަން ފާހަގަކުރެވެއެވެ.




