ސްޕޯޓްސް ކޮމިޝަނުގެ އޮފީހާއި ކުޅިވަރު ޖަމިއްޔާތައް ގުޅުވައިލުމަށް ފަރުމާކޮށްފައިވާ ”ސްޕޯޓްގޭޓް“ ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
ހ. މީރުމާގައި މިއަދު ކުރިއަށްދިޔަ ހަފްލާއެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއާއި ކޮމިޝަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލްއެވެ.
އެއް މަންސައެއްގެ ތެރެއިން ކުޅިވަރާ ގުޅުންހުރި ރަސްމީ ކަންތައްތަކެއް ކުރެވޭ ގޮތަށް މީގެ ކުރިން ބޭނުންކުރަމުން ދިޔަ މީސް ޕޯޓަލްގެ ބަދަލުގައި އިތުރު ލުއި ފަސޭހަތަކަކާއެކު ”ސްޕޯޓްގޭޓް“ ޕޯޓަލް ޑެވެލޮޕްކުރުމުގެ މައިގަނޑު ބޭނުމަކީ، ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކަށް ވެސް ރަޖިސްޓްރޭޝަން ހުށަހެޅުމާއި ހިންގާ ގަވައިދު ހުށަހެޅުމާއި ކުޅިވަރާ ގުޅުންހުރި އެހެން ކަންކަން ކުރުމުގެ އިތުރުން، ކުޅުންތެރިންނަށް ރިލީޒް ހޯދުމަށް ހުށަހެޅުމަށް ވެސް ފަސޭހަވެގެންދާނެ ފަދަ ގޮތަކަށް އައު ޕޯޓަލެއް ފަރުމާކުރުމެވެ.
”ސްޕޯޓްގޭޓް“ ޕޯޓަލް އިފްތިތާހުކޮށްދެއްވުމަށްފަހު ކޮމިޝަރ އޮފް ސްޕޯޓްސް ވިދާޅުވީ، ޕޯޓަލްއަށް ގެނެވުނު އައު ބަދަލުތަކާއެކު ކުޅިވަރު ކޮމިޝަނާއި އެސޯސިއޭޝަންތަކާއެކު މުވާސަލާތުކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ. އެސޯސިއޭޝަންތަކާ އޮންނަ ގުޅުން ރަނގަޅުވުމަކީ ކޮމިޝަނުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް ބާރަކަށްވާއިރު މި ޕޯޓަލްގެ ސަބަބުން އެ ގުޅުންތައް ހަރުދަނާވެ، ކުޅިވަރާ ގުޅުންހުރި އެންމެހާ ޑާޓާތައް ފަސޭހައިން ބަލާލެވޭނެކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ. އަދި މިބަދަލަކީ އެސޯސިއޭޝަންތަކާއެކު ބޭއްވުނު ބައްދަލުވުންތަކުން ފާހަގަކުރެވުނު ކަންކަމަށް ބެލުމަށްފަހު ގެނެވުނު ބަދަލެއްކަން ވެސް ހާމަކުރެއްވިއެވެ.
”އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިވަގުތާ ހަމައަށް ބޭނުންކުރަމުންދާ ’މީސް ޕޯޓަލް‘ އެއަށްވުރެ ރަނގަޅަށް ހަރުދަނާކުރެވެން ޖެހޭކަން. އެގޮތުން މިނިސްޓަރގެވެސް ލަފާފުޅާ އިރުޝާދާއެކު އެ ޕޯޓަލަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށީ“ ޠަލާލް ވިދާޅުވިއެވެ.
ކުލަބު ޖަމިއްޔާތައް ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮތް ”މީސް ޕޯޓަލް“ ރިބްރޭންޑްކުރުމަށް ވިސްނިކަމަށާއި އެހެންނަމަވެސް އެކަންވީ ގޮންޖެހުންތައް ބޮޑު މަސައްކަތަކަށް ކަމަށް ޠަލާލް ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓަރާ ކުރެވުނު މަޝްވަރާތަކަށްފަހު ނިންމާފައިވަނީ އިތުރު ލުއިފަސޭހަތައް ހިމަނައިގެން މުޅިން އައު ޕޯޓަލްއެއް ފަރުމާކުރުމަށްކަމަށް ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވިއެވެ. ޕޯޓަލް ފަރުމާކުރުމުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުނުކަމަށާއި މި ޕޯޓަލްގެ ސަބަބުން ހަރުދަނާގޮތެއްގައި މުއާމަލާތްތައް ކުރެވި، ޑިޖިޓަލައިޒްވެގެންދާނެކަމަށް ޠަލާލް ވިދާޅުވިއެވެ.




