ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވަން ތާއީދު ނުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާމެދު ވެޓްސްއެޕް ގްރޫޕެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ރައީސް މައުމޫން ތާއީދު ނުކުރައްވާކަން، އެމަނިކުފާނުގެ އަރިސް ބޭފުޅެއްގެ ފަރާތުން ”ސައުވީސް“ އަށްވަނީ ޔަގީންކުރެވިފައެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައީސް މައުމޫން ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައިވާއިރު، އެމަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ އެކަމަށް ތާއީދު ނުކުރައްވާކަން މީގެކުރިން ހާމަކުރައްވާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ވެސް ހަމަޖެހިފައިވަނީ މިމަހުގެ 4 ވާ އަންނަ ހޮނިހިރު ދުވަހުއެވެ.



