މިއަދު ކުރިއަށްދާ އިންތިހާބުތަކުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ވަރަަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ޑިމޮކްރަސީ ހިނގަމުންދާ ތަން ފެނިވަޑައިގަތުމަކީ އެ މަނިކުފާނުގެ ހިތްޕުޅަށް އުފާވެރިިކަން ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަކަށް ވޯޓުލެއްވުމަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހުރިހާ ޕާޓީތަކުން ވެސް މި އިންތިހާބުގެ ކެމްޕޭނުގެ ކަންކަން ވެސް ކުރިއަށް ގެންދިޔައީ ވަރަށް ސުލުހަވެރިކަމާ އެކު، ފޯރީގައި ކަމަށެވެ.
މިއަދު ވޯޓުލުމުގެ ކަންކަން ވެސް އޮމާންކަމާ އެކު ކުރިއަށްދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަންޒަރުތައް ފެނުމުން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
”ވަރަށް ހިތްހަމަޖެހޭ. ވަަރަށް އޮމާންކަމާ އެކު ހުރިހާ ބޭފުޅުން ވެސް ވޯޓުދެމުން އެބަ ގެންދޭ. ދެން އަދި ކެމްޕޭންތައް ވެސް ސުލުހަވެރިކަމާ އެކު ހުރިހާ ޕާޓީތަކުން ވެސް ވަރަށް ޖޯޝާއި ފޯރީގައި ކެމްޕޭންތައް ވެސް ހިންގިއްޖެ. އަޅުގަނޑުގެ ހިތަށް ވަރަށް އުފާވެރިކަމެއް ލިބޭ މަންޒަރުތަކެއް ޑިމޮކްެރަސީ ހިނގަމުންދާ ތަން ފެންނަކަމީ“ ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނީ ދައުލަތެއް ހިފެހެއްޓި، ތަނަވަސްކަން ހޯދޭނީ މި ނިޒާމު ފައްކާކޮށްގެން ކަމަށެވެ. އެއަށްފަހު ހުރިހާ އެންމެން ވެސް ނުކުމެ ވޯޓުގެ ހައްގު އަދާކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.


