ވާދަވެރި 3 އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 5 ޖަހަންދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.
މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.
އީސީން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،876 މީހުންގެ ތެރެއިން މިއަދު މެންދުރު 2 ޖެހުމާ ހަމައަށް 131،947 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 63175 އަންހެނުންނާއި 68772 ފިރިހެނުންނެވެ. ވޯޓު ލާފައިވަނީ 44.75 އިންސައްތަ މީހުންނެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 2،961 ކެންޑިޑޭޓުން ވާދަކުރެއެވެ.
އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.




