ހުޅުމާލެ 3 ވަނަ ފިޔަވަހީގެ އެކޮމަޑޭޝަން ބްލެކޮއްގައި ރޯވެ އަނދަމުން އެބަދެއެވެ.
އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 17:12 ހާއިރު ކަމަށްވެސް ސިފައިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ އިމާރާތަކީ މިހާރު ބޭނުންކުރާ އިމާރާތެއް ނޫން ކަމަށާއި، ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށެވެ.
ފާއިތުވި ދެ ދުވަހު ވެސް އަލިފާން ރޯވުމުގެ ދެ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، ބުރާސްފަތި ދުވަހުގެ ރޭ ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމުތަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި އިއްޔެ، ރ. އަލިފުށީ ”އައިރިސް“ ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.



