އިންތިހާބެއްގައި ކޮންމެ ނަތީޖާއެއް ނިކުތަސް އެއީ ނިމުން ނޫން ކަމަށާއި އަދި ކާމިޔާބީއަކީ ހިތްތިރި ކުރަން ޖެހޭ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭގައި ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީން ވަނީ ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައެވެ.
އެގޮތުން ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމުގެ އިތުރުން، ފެންނަ ނުފެންނަ ވޯޓުގައި ވެސް ގިނަ ބަޔަކު ވޯޓުދިނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ.
އެ ނަތީޖާއާ ގުޅިގެން މިނިސްޓަރ މުއްތަލިބް ވިދާޅުވީ ޑިމޮކްރަސީގެ މަގަކީ ސީދާ މަގެއް ނޫން ކަމަށާއި އަދި އެއީ އެއްކޮޅަށް ދަތުރުކުރާ އަދި އެއްކޮޅަށް ވައިޖެހޭ މަގެއް ވެސް ނޫން ކަމަށެވެ.
”ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ބުނާނެ. ބައެއް ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަންވެސް ބުނާނެ. ކޮންމެ ނަތީޖާއަކީ ނިމުމެއް ނޫން. ކާމިޔާބީއަކީ އެކަމާމެދު ހިތްތިރި ކުރަންޖެހޭ ކަމެއް.“ ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.




