އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގއ. ވިލިނގިލީގެ ފުރިހަމަ އަޣުލަބިއްޔަތު ވެރިކަންކުރާ ޕީއެންސީން ހޯދައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، ވިލިނގިލި ކައުންސިލްގެ ފަސް ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު ޖުމްލަ 10 ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ނަތީޖާއާއެކު އިދިކޮޅު އެމްޑީޕީއަށް އެރަށުން އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.
މި އިންތިހާބުގައި ވިލިނގިލި ކައުންސިލްގެ ރައީސްކަމަށް ވިޝާލް މުހައްމަދު އިންތިހާބުވެވަޑައިގަތްއިރު، ކައުންސިލް މެމްބަރުކަމަށް ހޮވިވަޑައިގަތީ މުހައްމަދު އަބްދުލްއަހަދު އާއި އަޝްރަގު ގާދިރެވެ. އަދި ކައުންސިލްގެ އަންހެން މެމްބަރުންގެ ގޮތުގައި އަޒީމާ ހަސަނާއި ސުއޫދާ ނާސިރު ވަނީ އިންތިހާބުވެވަޑައިގެންފައެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކަށް އައިޝަތު ސާޖިދާ އިންތިހާބުވެވަޑައިގަތްއިރު، އެ ކޮމިޓީގެ މެމްބަރުކަން ކާމިޔާބުކުރެއްވީ ޝަހުޒާ އަބްދުލްއަޒީޒާއި، ޝަޒްލީނާ މާހިރާއި، ޖީޒާ އަބްދުﷲ ގެ އިތުރުން ސިރިޔާޒާ އިބްރާހިމެވެ.
މުޅި ރާއްޖެއަށް ބަލާއިރު މި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. އެހެންނަމަވެސް، މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.




