އިއްޔެ ބޭއްވި ވާދަވެރި ތިން އިންތިހާބުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ %72 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިއީ ރާއްޖޭގެ ތާރީހަށް ބަލާއިރު، ކައުންސިލު އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލީ އިންތިހާބެވެ.
އިއްޔެ ތިން އިންތިހާބެއް އެއްފަހަރާ ކުރިއަށް ގެންދިޔަ އެވެ. އެއީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 294،876 އެވެ.
ރޭ ދަންވަރު އީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެވަގުތާ ހަމައަށް ގުނި ވޯޓުފޮށިތަކުގެ ނަތީޖާ ދައްކަނީ، 214،898 މީހަކު އެ އިންތިހާބުތަކުގައި ވޯޓުލާފައިވާ ކަމަށް ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %72.88 ކަމަށް ބުންޏެވެ.
އިއްޔެ ހެނދުނު 8 ޖެހިއިރު ވޯޓުލާން ފެށި މި އިންތިހާބުތަކުގައި ވޯޓުލުމުގެ ފުރުސަތުދޭ ގޮތަށް ފުރަތަމަ އޮތީ ހަވީރު 4 ޖެހުމާ ހަމައަށެވެ. އެހާތަނަށް ވޯޓުލެވިފައި ވަނީ %62.98 މީހުންނަށެވެ.
ވޯޓުލުމުގެ ވަގުތު ހަމަވައިރު ވެސް، ގިނަ މަރުކަޒުތަކުގައި ވޯޓުލާން ބޭނުންވާ މީހުން ތޮއްޖެހިފައިވާތީ، ވަގުތު އިތުރުކޮށް ކިއޫތައް ބަންދުކުރީ 5 ޖެހިއިރު އެވެ. ކިއޫތައް ބަންދުކުރި ނަމަވެސް ވޯޓުލުން ނިމި ހުރިހާ ފޮއްޓެއް ބަންދުކުރެވުނީ ރޭ 10:30 ހާއިރެވެ.


