ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީއަށް ކޮމާންޑް އޮފިސަރު ޓްރެއިނީން ހޯދަން އިއުލާންކޮށްފިއެެވެ.
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެވްސެކް ޓްރެއިނީގެ މަގާމަށް 10 މީހަކު ބޭނުންވާ ކަމަށެވެ. އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
މަގާމުގެ އަސާސީ މުސާރައަކީ މަހަކު 7،670ރ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،300ރ. އެވެ. އަދި ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ ފައިސާގެ ގޮތުގައި 160ރ. ލިބޭނެ އެވެ. މީގެ އިތުރުން ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލްގެ ދެ މާއްދާއިން ދަށްވެގެން ސީއެއް ލިބިފައިވުމާ އެކު، ދިވެހި މާއްދާއިން ދަށްވެގެން ސީ ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް އޮތުން ހިމެނެ އެވެ.
އެ ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.
އެވްސެކް އިން ބުނީ ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ މީހުން ޝޯޓްލިސްޓުކުރާނެ ކަމަށެވެ.
އެ ވަޒީފާތަކަށް މުވައްޒަފުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޓެސްޓު ބާއްވަން ނިންމާފައި ވަނީ މި މަހު 19 އާއި 30އާ ދެމެދުއެވެ.



