ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 2 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މި ހިނގާ އޭޕްރިލް މަހުގެ 1 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2174 ގްރާމް ނުވަތަ 2.1 ކިލޯގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ.
އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 1 ވަނަ ދުވަހުއެވެ. ކަސްޓަމްސްއިން އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއެވެ.
ކަސްޓަމްސްއިން ބުނީ، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.7 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.



