ދުޅަހެޔޮ ޤައުމެއް ބިނާކުރުމާއި، ޒުވާނުން އަހުލުވެރިކުރުމަށް ބާރުއެޅުމަށާއި، އިޤްތިސާދީ ކުރިއެރުމަށް ބާރުއެޅުމަށާއި، އެކުގައި ވަރުގަދަ މުސްތަޤްބަލެއް ބައްޓަންކުރުމަށް ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަށް ބޮޑު އަހަންމިއްޔަތުކަންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ސްޕޯޓްސް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް ނުވަތަ، ބައިނަލްއަޤްވާމީ ތަރައްޤީއާއި ސުލްޙައަށްޓަކައި ކުޅިވަރުގެ ނަމުގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ކުޅިވަރަކީ އަޅުގަނޑުމެންގެ ޤައުމީ އައިޑެންޓިޓީގެ މުހިންމު ތަނބެއް ކަމަށާއި، ބޭނުންތެރި ހެޔޮ ބަދަލުތަކެއް ޤައުމީ ތަރައްޤީއަށް ގެނެސްދޭ ބާރެއް ކަމަށެވެ.
”ޒުވާނުން ބާރުވެރިކުރުވުމާއި އަދި އިޖުތިމާޢީ އެއްބައިވަންތަކަން ހަރުދަނާކުރުމުގައި، ކުޅިވަރާއި އޭގެ ހަމަތައް ކުރިއަރުވައިގެން ޒުވާނުންގެ ކިބައިގައި ރަނގަޅު އަހްލާގާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތް ކުރުމާއި، އިޙްތިރާމް އަށަގަންނުވައި، ފައިދާހުރި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމަށް ކުޅިވަރު މަގުފަހިކޮށްދޭ“ ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހަކީ ”ބައިނަލްއަޤްވާމީ ތަރައްޤީއާއި ސުލްޙައަށްޓަކައި ކުޅިވަރު“ މި ނަމުގައި ފާހަގަކުރާ ހާއްސަ ދުވަހެކެވެ. މިއަހަރުގެ ތީމަކީ ”ސްޕޯޓްސް: ބިލްޑިން ބްރިޖަސް، ބްރޭކިން ބެރިއާސް“ އެވެ.
ކުޅިވަރުން މަގުތައް ގުޅުވައިދީ، ހުރަސްތައް ނައްތާލުމުގެ މައްޗަށް ހާއްސަކޮށް ކަނޑައަޅާފައިވާ މިތީމުގެ ދަށުން ގައުމުތަކުގައި ކުޅިވަރުގެ ޒަރިއްޔާއިން އެއްބައިވަންތައް ގާއިމުކުރުމާއި ގައުމުތަކުގެ ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމަށް ބާރުއަޅައެވެ.



