ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް)ގެ މަސައްކަތް ހަރުދަނާކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު ހިފަހައްޓާ، ޒަމާނީ އަދި ހަލުވި މަސައްކަތުގެ މާހައުލެއް ގާއިމް ކުރުމަށް އެ ބޭންކުގެ މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމައި، އެ ލުއިތަކަށް އަމަލުކުރަންް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، މަސައްކަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކޮށްފައިވާނެ ކަމަށެވެ.
މިއީ ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު އެންމެ މަތީ މިންގަނޑުގައި ހިފަހައްޓަމުން، ޒަމާނީ އަދި ހަލުވި މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް ބޭންކުން ކުރަމުންދާ މުހިންމު މަސައްކަތުގެ ތެރެއިން ބަޔެއްކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ މި ބަދަލާއެކު އެ ބޭންކުގެ މުވައްޒަފުންގެ ދުޅަހެޔޮކަމާއި މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ހަމަހަމަކަން ހިފެހެއްޓުމަށް ބާރުއެޅުމަށް މަސައްކަތުގެ އިންތިޒާމުތަކަށް ލުއިދީފައިވާ ކަމަށެވެ.
މިގޮތުން ބޭންކުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ދަތިނުވާނެގޮތަށް، މުވައްޒަފުންނަށް މެންދުރު 3 އިން ފެށިގެން އޮފީހުގެ މަސައްކަތް ނިންމާލުމުގެ އިހުތިޔާރު މި މަހުގެ 1 އިން ފެށިގެން ދީފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ރިމޯޓްކޮށް މަސައްކަތްކުރެވޭނެ ވަސީލަތްތަކުގެ އެހީގައި މުވައްޒަފުންނަށް މިހާރު ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ



