ހިންގުމުގެ ޚަރަދު ކުޑަކުރުމަށް (ޕްރޮސެކިއުޓާރ ޖެނެރަލް) ޕީޖީ އޮފީހުން ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، ޕީޖީ އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒް އައްބާސް ޝަރީފު ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން 31 މެއި 2026 ގެ ނިޔަލަށް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ހަމަޖައްސާފައެވެ.
އެ ބަދަލުތަކަކީ:
1. ކޮންމެ އަންގާރަ ދުވަހަކީ ޕީޖީ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
2. ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
3. ޕީޖީ އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
4. ކަރުދާސް ބޭނުންކުރުން މަދުކުރުން
5. ޕީޖީ އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
އެ އިދާރާއިން ބުނީ، މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު އެ އޮފީހުގެ މުވައްޒަފުން އާންމު އުސޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި އެ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޕީޖީ އޮފީހުން ބުނީ، އެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެ އިދާރާއިން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މި ބަދަލުތަކުގެ ސަބަބުން އެ އޮފީހުން އާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ޕީޖީ އޮފީހުން ދީފައިވެއެވެ. އަދި މި މުއްދަތުގައިވެސް، http://online.pgo.mv މެދުވެރިކޮށް އެ އޮފީހުގެ ޚިދުމަތްތައް ހޯއްދުމަށް އެންމެހައި ރައްޔިތުންނާއި އިދާރާތަކަށް ޕީޖީ އޮފީހުން ވަނީ ބާރުއަޅާފައެވެ.




