ރާއްޖޭގައި ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިންޓިފިކް އެއްބާރުލުން މުހިންމު ކަމަށެވެ. އަދި ސިއްހީ ސިޔާސަތުތަކާއި ފިޔަވަޅުތަކަކީ ސާބިތުވެފައިވާ ސައިންސްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ހެދުމަށްޓަކައި، ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިކަމަށްޓަކައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކޮށް، ”ވަން ހެލްތު“ ސިޔާސަތުގެ އަސާސަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތައް ކަމުގައި ވާންޖެހޭ ކަމަށެވެ. އަދި ”ވަން ހެލްތު“ އަކީ އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަމަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަން ކަމަށް ދެކިގެން މަސައްކަތް ކުރާ ސިޔާސަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް މައުލޫމާތަށް އިސްކަންދޭ ކަމަށެވެ.
އެއާއެކު ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފުޅާކޮށް، ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް ލާމެހިގެންދާނެ ގޮތް ހަދައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ބަލިތައް އަވަހަށް ދެނެގަތުމަށް ބާރުއަޅައި، އަދި ފައިދާހުރި ފަރުވާގެ ޚިދުމަތްތައް ކަށަވަރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




