މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުވުން އޮންނާނީ 16:00 ގައި އެ އޮފީހުގައެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ޚަރަދު ކުޑަކުރުމުގެ ގޮތުން ބައެއް އިދާރާތަކުން މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ދައުލަތުގެ މިނިސްޓަރުން އެކުލެވިގެންވާ މި ޚާއްސަ ކޮމިޓީން މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ވިސްނުން ހުރީ، ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައާއި ތަކުލީފެއް ނާންނާނެގޮތަށް ކަމަށެވެ.
އެދުވަހުގެ އެ ބައްދަލުވުމުގައި، އެ ކޮމިޓީގެ ޗެއަރ އަދި ފޮރިން މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައާއި ތަކުލީފު ނާންނާނެގޮތަށް ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމަ ދިގުލައިގެން ދިޔަކަމުގައިވިޔަސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަށް ބުރޫނާރާނެ ގޮތަށް ޤައުމުގެ ކަންކަން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.




