ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1،900 އަށްވުރެ ގިނަ ވޭޕް ކާޓްރިޖްތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.
ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ މި ވޭޕްތައް އަތުލައިގަތީ، ކަސްޓަމްސްއިން ރޭ ބުނި ގޮތުގައި، މާލޭ ވިޔަފާރި ބަނދަރުންނެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވެސް މަނާކޮށްފައިވާއިރު، ވަގަށް އެކަން ކުރުން މިހާރު ދަނީ އާއްމުވަމުންނެވެ. އެގޮތުން، 2024 އަހަރުގެ ފަހުކޮޅު ސަރުކާރުން އެތަކެތި މަނާކުރި ފަހުން، އެކި ގޮތްގޮތަށް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށާއި ރާއްޖެ އެތެރެ ކޮށްފައިވާ ވޭޕާއި ސިނގިރޭޓު ވަނީ އަތުލައިގެންފަ އެވެ.
އެ އަމަލުތައް ހިންގައިގެން މި ފަހުން ބޮޑެތި އަދަދުތަކުން ބައެއް މީހުން ޖޫރިމަނާކޮށްފައިވެ އެވެ.
އެގޮތުން، ފާއިތުވި ދޮޅު މަހެއްހާ ދުވަސް ތެރޭ 2 މިލިއަން ސިނގިރޭޓް އަދި 7000އެއްހާ ވޭޕް ސްޓިކް އަތުލައިގެންފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިދިޔަ މަހު ވަނީ ވިދާޅުވެފައެވެ.



