ފުލުހުންގެ ކޮމިޝަނަރުކަމަށް އަލަށް އައްޔަނުކުރި އަހުމަދު މުހައްމަދު (ޓޫފޯ)، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ހެޑްކުއާޓަރުގައެވެ.
ފުލުހުން ބުނި ގޮތުގައި ސީޕީ އަހުމަދު މުހައްމަދުގެ ބައްދަލުވުމުގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްއޮތްތަނުގައި، ޤައުމަށް ހިދުމަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަހުމަދު މުހައްމަދު އައްޔަނު ކުރެއްވީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. އެމަގާމަށް އޭނާ އައްޔަނު ކުރެއްވިއިރު އޭނާ ހުންނެވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
އަހުމަދު މުހައްމަދު ވަނީ 1995 އިން ފެށިގެން ފުލުހުންގެ ހިދުމަތުގައި ހިދުމަތް ކުރައްވަމުން ގެންދަވާފައެވެ. އަދި އޭނާ ވަނީ ޝަރީއާއިން ބެޗެލާސް ޑިގްރީ ވެސް ހާސިލުކުރައްވައިފައެެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
އޭގެ ފަހުން ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އޮތީ ހަވާލުކޮށްފައެވެ.
އަހުމަދު މުހައްމަދުއަކީ މި ސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރެވެ.




