މާލޭގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުން ބުނީ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 2:16 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމުގައި ވެސް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވުމާ ގުޅިގެން، އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި އަނިޔާވީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ދެމީހުންގެ ހާލުވެސް ސީރިއަސް އެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.



