އެއް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މި ދައުރުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާރިޗު މަހުގެ 8 ވަނަ ދުވަހުއެވެ. އެއަށްފަހު ރަމަޟާން މަހުގެ ފަހު 10 އަކަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައްވެސް މެދުކަނޑާލިއެވެ.
މަޖިލިސް އިދާރާއިން މިއަދު ބުނީ ޖަލްސާތައް މެދުކެނޑުމަކަށްފަހު އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.
އެގޮތުން، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 6ވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.
އަންނަ ހަފުތާގައި ޖަލްސާތައް ފެށި ނަމަވެސް ހަފުތާގެ ފުރަތަމަ ޖަލްސާއަށް ތާވަލުކޮށްފައިވާ މަސައްކަތްތަކެއް މިހާތަނަށް އިއުލާންކޮށްފައި ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ސަރުކާރުގެ ފަރާތުން ގިނަ ބިލުތަކެއް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރެއިން މަރުގެ އަދަބު ދިނުމާ ގުޅޭ ބިލަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނީ ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދައުރު މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މި ދައުރު ދަންމާލެވޭނީ މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.




