އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށާއި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ގަޕޯ އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހުގައެވެ.
އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވެ ޕެޓިޝަނެއްގައި ސޮއިކުރަމުންދާކަން އެނގިފައިވީނަމަވެސް، އެ ޕެޓިޝަންގައި މިހާތަނަށް ސޮއިކުރީ ކިތައް މެންބަރުންކަން އަދި އެނގިފައެއް ނުވެއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގަޕޯގެ މައްޗަށް އިތުބާރުނެތް ކަމުގެ ޕެޓިޝަނެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފައި މިވަނީ، ހޮނިހިރު ދުވަހު ބޭއްވި ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ”ހޭވައްލާ ތައްޔާރު“ ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ، އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ބޯއިކޮޓްކުރައްވައިފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުއަށް ފުރުސަތު ނުދިނުމުން އިދިކޮޅު ސިޔާސީ މައި ޕާޓީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެ، މެންބަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން މަގާމުތަކުން ވަކިކުރަމުންދާކަން ވެސް ފާހަގަވެއެވެ.
އެގޮތުން އިއްޔެ އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް، އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) މަގާމުން ވަކި ކޮށްފައެވެ.



