ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ކަށަވަރުވެއްޖެ ކަމަށާއި، 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ގެނެސްދިން ”ދިވެހީންގެ ނިންމުން“ ކަވަރޭޖުގައި ވާހަކަދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ސިޔާސީ މަންފާއެއް ހޯދަން މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް، އެ ނަތީޖާއިން ސާފުކޮށްދިނީ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމަވާނެކަމުގެ ޔަޤީންކަން އޮތުމުން، ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް އާންމުން ތާއީދުކުރާ މިންވަރު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުތަކާ އަޅާކިޔުއްވަމުން ޝުޖާއު ވިދާޅުވީ، ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ހިއްސާ ވިއްކުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ދޫކޮށްލުމާއި، ބިމާބެހޭ ޤާނޫނަށް ބަދަލުގެނައުން ފަދަ ޤައުމީ ބޮޑެތި މައްސަލަތަކުގައި އޭރުގެ ވެރިން ރައްޔިތުންގެ ބަހެއް ހޯއްދަވާފައި ނުވާކަމަށެވެ. މީގެ އިދިކޮޅަށް، ރައީސް މުޢިއްޒު ވަނީ ޙަޤީޤީ ލީޑަރެއްގެ ސިފަ ދައްކަވައި، ރައްޔިތުންގެ ނިންމުން އިޚްލާޞްތެރިކަމާ އެކު ބަލައިގަނެ، އާންމުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ މިސްރާބު ބައްޓަންކުރައްވާނެކަމުގެ ވައުދުފުޅު ދެއްވާފައިކަން މެންބަރު ފާހަގަކުރެއްވިއެވެ.
އިންތިޚާބުގައި ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ ސަރުކާރަށް ނުލިބުނު ނަމަވެސް، ކުރިން އިދިކޮޅަށް ބޮޑު ތާއީދެއް އޮތް މާފުށި، ރަސްދޫ، އުކުޅަސް، ތޮއްޑޫ، ކެންދޫ އަދި މުރައިދޫ ފަދަ ރަށްރަށުގެ ރައްޔިތުން މިފަހަރު ވޯޓުދިނީ ރައީސް މުޢިއްޒުގެ ތަސައްވުރަށްކަން މެންބަރު ޝުޖާއު ހާމަކުރެއްވިއެވެ. އަދި 2021 ގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ޢިބްރަތް ޙާޞިލުކޮށް 2023 ކާމިޔާބުކުރި ފަދައިން، ޕީއެންސީގެ ޖަގަހަތައް ހިންގައި، ސަޕޯޓަރުން ހިތްވަރާ އެކު ނުކުމެ މަސައްކަތްކޮށްފިނަމަ 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާ އެކު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މެންބަރު ވިދާޅުވިއެވެ.




