ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސްގެން، ގެއްލުނު މީހާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ”އުދަރެސް“ ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ.
ފުލުހުން އެއިރު ބުނީ، ސަލާމަތްކުރެވިފައިވާ ޖުމްލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ނަމަވެސް މި ހާދިސާގައި އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ގެއްލިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ދާދި ދެންމެއަކު ބުނީ، ގެއްލުނު މީހާ މިހާރު ފެނިފައިވާ ކަމަށެވެ.
އިސްމާއިލް އަފީފް ނަމަކަށް ކިޔާ އެމީހާ ފެނުނީ ފިލާގަނޑެއްގެ އެހީގައި ފެންމަތީގައި އޮއްވާ ކަމަށާއި އޭނާ ފެނުނީ ދިރިހުއްޓާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.




