ރާއްޖޭގެ ވައި ނުސާފުވަމުންދާއިރު، ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން އަމިއްލައަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް އެހެން ވިދާޅުވީ ރާއީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، މުޖުތަމައުގެ ވައިގެ ސާފުކަމާއި އަންނަ ބަދަލުތައް އެކި ދުވަސްވަރު އެކި މިންވަރުގައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.
”ވަކި ދުވަސްވަރެއްގައި އަޅުގަނޑުމެންގެ ވައިގެ ސާފު ތާހިރުކަމަށް ބަލާ މިންގަނޑުތަކަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭ. އެކަމަށް މީހުން ހޭލުންތެރި ކުރުވުމަށް އެޗްޕީއޭއާއި އެހެނިހެން މުއައްސަސާތަކުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ގެންދޭ“ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ނާޒިމް ވިދާޅުވީ ވައި ނުސާފުވުމަކީ ހަމައެކަނި ޤައުމީ ގޮތުގައި ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި މުޖުތަމައުއަށް ދިމާވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން މިވަގުތު އެންމެ މުހިންމުކަމަކީ މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.



