ސިއްހީ ހިދުމަތަށް މި އަހަރު އިތުރު 1،900 އެއްހާ މުވައްޒަފުން ނެރޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ހެލްތު ސެކްޓާއަށް މިދިޔަ އަހަރު 1،700 އެއްހާ މުވައްޒަފުން ނެގި ކަމަށެވެ. އަދި މާލެ އާއި ރަށްރަށުގައި ހިދުމަތް ދިނުމަށް މި އަހަރު އިތުރު 200 ވަޒީފާ އުފައްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ އެ މުވައްޒަފުން ނަގަނީ އަސާސީ ހިދުމަތްތަކާއި ލެބޯޓްރީ ފަދަ ހިދުމަތްތައް ތައާރަފް ކުރުމަށެވެ.
ސިއްހީ ދާއިރާގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތްކުރާއިރު، އޭގެ ތެރޭގައި އަދި ވެސް ބިދޭސީން ގިނަ އެވެ. ސަރުކާރުން ވަނީ ޑިސެމްބަރު 2028 ގެ ފަހުން ބިދޭސީންނަށް ނާސިންގެ ވަޒީފާ އަދާކުރަން ވޯކް ޕާމިޓު ނުދޭން ނިންމައިފަ އެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވި ގޮތުގައި ހެލްތު ސެކްޓާއަށް މީހުން ތަމްރީނުވެގެން ނުކުތުމަކީ މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މުހިއްމު ކަމެކެވެ.
”އަޅުގަނޑު ގޮވާލަން ދިވެހި ކިޔަވާ ކުދިންނަށް މިއީ ވަރަށް ފުޅާދާއިރާއެކޭ، މި ދާއިރާއިން ތައުލީމް ހާސިލްކުރައްވައިގެން ހިދުމަތަށް ނުކުންނެވުމަކީ ގައުމަށް ކޮށްދެވޭނެ ވަރަށް މުހިއްމު ހިދުމަތެއް،“ މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ މީގެ އަށް އަހަރު ކުރިން އެމްއެންޔޫގައި ހުޅުވި މެޑިސިން ސްކޫލުގެ ބެޗުތަކުން ދިވެހިން ކިޔަވައި ނިމެމުން އަންނަ ކަމަށެވެ. އަދި އެ ޑޮކްޓަރުންނަށް އިންޓާންޝިޕް ހަދަން އެކި ހޮސްޕިޓަލުތަކުން ފުރުސަތު ފަހިކޮށްދެމުން އަންނަކަން ފާހަގަކުރެއްވިއެވެ.




