މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އަލަށް ހޮވުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 17 ގައި ބާއްވަން ނިންމައިފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ހުވާކުރުން އޮންނާނީ އަންނަމަހުގެ 17 ވަނަ ދުވަހުކަމަށެވެ. އަދި ހުރިހާ ކައުންސިލަރުންނާއި މެމްބަރުން ހުވާކުރުން މުޅި ރާއްޖޭގައި އެކަން ކުރިއަށް ދާނީ އެއް ވަގުތެއްގައި ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.
އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރަން ހަމަޖައްސާފައިވާ ތާރީހަކީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހެވެ.
ލޯކަލް ކައުންސިލް އިންތިހާބުން މާލޭ ސިޓީ ހިމެނޭހެން ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީއާއި އަންހެނުން ތަރައްްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސްއާ އެ ކޮމެޓީގެ މެޖޯރިޓީތައް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
ނަމަވެސް ކުރިން އެމްޑީޕީގެ ގިނަ ކައުންސިލަރުންނާއި ސަޕޯޓަރުން ތިބި ރަށްތަކަކުން މިފަހަރު ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވާފައިވާކަން ވެސް ފާހަގަވެއެވެ.



